މި ހިނގަމުންދާ ދައުރަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ތާރީޚުގައި އައު ބާބެއް ހުޅުވި، ރައްޔިތުންނަށް އެދެވޭ ބޮޑެތި ބަދަލުތަކެއް ފެންނާނެ ފަސް އަހަރު ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ، ދ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ޤާބިލިއްޔަތުކަން ހުރި މިންވަރަކުންނާއި، ބަޖެޓުގެ ތެރެއިން ޖާގަ ހޯއްދަވައިގެން ރައްޔިތުންނަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ހުރި ސިއްހީ ސިޔާސަތުތައް ތަންފީޒު ވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި ސިއްހީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް އެންމެ ބޮޑު ހޭދައެއް ކުރާނެ ފަސް އަހަރުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތްތަނުގައި ސިއްހީ ދާއިރާއަށް އަންނާނެ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، މި 5 އަހަރު ވާނީ ލެބޯޓްރީގެ ޚިދުމަތާއި، އެމްއާރުއައި މެޝިންތަކާއި، ސީޓީ މެޝިންތައް ފަދަ އަސާސީ ސިއްހީ ޚިދުމަތްތައް އެެންމެ ގިނައިން ފޯރުކޮށްދެވޭނެ ފަސް އަހަރަށް ކަަމަށެވެ.
މީގެ އިތުރުން، މިއީ ރައްޔިތުންނާ ގާތުން އަސާސީ ސިއްހީ ޚިދުމަތްތައް ލިބި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނެ ދައުރެއް ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.
”މިއީ ރައްޔިތުންގެ ޞިއްޙީ ކަންބޮޑުވުންތައް ބޮޑު ލުޔެއް ލިބިގެންދާނެ 5 އަހަރު. އެކަން އަޅުގަނޑަށް ކަށަވަރުވާ ސަބަބަކީ ސިޔާސަތުތައް ވަރަށް ރަނގަޅަށް ތަރުތީބުކޮށް ލިޔެވިފައި ހުރީތީވެ. މިކަަމަށް ބޭނުންވާ ބަޖެޓު ސަރުކާރުން ހަމަޖައްސަވައިދެއްވަމުން ގެންދަވާތީ. މިކަމަށް ބޭނުންވާ ނިޒާމުތައް ހަމަޖައްސަވައިދެއްވަމުން ގެންދަވާތީ. ގާތުން ރައީސުލްޖުމްހޫރިއްޔާ ބައްލަވަމުން ގެންދަވާތީ. ވަރަށް ގާތުން އަޅުގަނޑުމެންނަށް އިންސްޓްރަކްޝަން ގެންދަވަމުން ގެންދަވާތީ. އެެެހެންވެ އަޅުގަނޑަށް ކަށަވަރު ވެގެންދަނީ މި ސިޔާސަތުތައް ތަންފީޒުވެގެންދާނެކަން.“ މިނިސްޓަރ ވިދާޅުވިއެވެ.



