ސަރުކާރުގެ އެކިއެކި އޮފީސްތަކާއި އިދާރާތަކުން ދުވަހުން ދުވަހަށް ދޭންޖެހޭ ޚިދުމަތްތަކަށް ބޭނުންވާ ސާމާނު ގަންނަން މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން 876 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސުން މިއަދު އާންމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ހިސާބުތަކުން އެނގޭ ގޮތުގައި އެ އަހަރު އޮފީސްތަކަށް ބޭނުންވާ ސާމާނު ގަންނަން ބަޖެޓުކުރީ 860 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުންއިރު އެ ކަމަށް ވަނީ 876 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
މިދިޔަ އަހަރު މުސާރައާއި އިނާޔަތްތަކަށް 14.7 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، އެއީ އޭގެ ކުރީ އަހަރާ ބަލާއިރު ބިލިއަނެއްހާ ރުފިޔާގެ އިތުރުވުމެއްކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރު ހިންގުމުގެ ޚަރަދުގެ ގޮތުގައި 21.6 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ.
މިދިޔަ އަހަރު ކެޕިޓަލް ޚަރަދަށް 12.5 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް އަހަރު ނިމުންއިރު އެ ކަމަށް ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ހިސާބުތަކުން ދައްކަނީ 6.8 ބިލިއަން ރުފިޔާއެވެ. އެއީ، އެ އަހަރު ބަޖެޓުކުރި އަދަދަށްވުރެ 5.7 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.




