މުނިފޫހިފިލުވުމަށްޓަކައި ގިނަ ބަޔަކު ބޭނުން ކުރަމުންދާ ޓިކްޓޮކް މިވަނީ، ރާއްޖޭގައި މުޅިންހެން މިހާރު ބޮއްސުންލައިގެން ގޮސްފައެވެ.
ބޭރުގެ އެހެން ޤައުމުތައް ފަދައިން ތަފާތު މޮޅެތި ކޮންޓެންޓު ރާއްޖޭގައި އިރެއްގައި އުފެއްދިނަމަވެސް، މިހާރު ގިނަ ދިވެހީން ޓިކްޓޮކްގައި ޕޯސްޓުކޮށްފައި ހުންނަ ވީޑިއޯތައް ބަލައިލާކަށް ނުކެރެއެވެ. ވަކިން ޚާއްސަކޮށް ޓިކްޓޮކް ލައިވްތަކުގައި ބައެއް ދިވެހިން ދައްކާ ވާހަކަތައް އިވިފައި އަދި ދައްކުވައިދޭ މަންޒަރުތައް ފެނިފައި ސަހަރޯއޭ ހީވެއެވެ.
އިރެއްގައި ހުނަރުވެރިކަން ދައްކުވައިދީ، މުނިފޫހިފިލުވުމުގެ ގޮތުން ބޭނުން ކުރަމުންދިޔަ އެ ”ކުޑަ ސްކްރީން“ މިހާރު ގިނަ ދިވެހިން ބޭނުން ކުރަނީ ތިމާޔާ ނުބެހޭ މައްސަލަތަކާ ވާހަކަ ދައްކައި، ޒުވާބުކޮށް، ހަޑިހުތުރު ބަސްތައް އެކަކު އަނެކަކާ ދިމާލަށް ގޮވާލަން ބޭނުންކުރާ ސައްލާކުރުމުގެ ކޮޓަރިއެއް ގޮތަށެވެ. އެފަދަ ވީޑިއޯތައް ޓިކްޓޮކްގައި މިހާރު ގިނަވެ ފުނި ޖެހިއްޖެއެވެ.
އެގޮތުން ދާދި ފަހުންވެސް މިވަނީ މިފަދަ ޓިކްޓޮކް ލައިވް ވީޑިއޯއެއް އާންމުވެފައެވެ. އޭގެން މިފަހަރު ފެންނަނީ މިހާރު ގިނަބަޔަކަށް އާ ނަމަކަށް ނުވާނެ ޓިކްޓޮކް ތަރި މަރިޔަމް ސަމާގެ ބަރަހަނާ ވީޑިއޯއެއް ކަމަށް ބުނެ، މީހަކު ޓިކްޓޮކް ލައިވްއެއްގައި އެ ވީޑިއޯ ހިއްސާކުރާ މަންޒަރެވެ.
އެތައް ބަޔަކު އެވަގުތު ޖޮއިންވެގެން ތިބި އެ ލައިވަށް ސަމާ ކަމަށް ބުނާ އެމީހާގެ ވީޑިއޯލާފައިވާ މަންޒަރުވަނީ ފުސް ކޮށްފައެވެ. އެހެންކަމުން އެއީ ސަމާކަމެއް ނުވަތަ އެހެން މީހެއްކަމެއް ބެލުންތެރިންނަށް ބުނާކަށް ނޭނގެއެވެ.

މި ވީޑިއޯއާ ބެހޭގޮތުން އެއްބަޔަކު ބުނެފައިވަނީ އެއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށާއި އެއީ ސަމާ ނޫން ކަމަށެވެ.
އެއީ ކޮންމެ މީހެއް ނުވަތަ އެއްޗެއް ކަމުގައިވިޔަސް، މިފަދައިން އެފަދަ ވީޑިއޯ އާންމު ކުރުމަކީ އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ކަންކަމަކީ ހުއްޓުވަން ޖެހޭ ކަންކަން ކަމުގައި ގިނަބަޔަކު ދެކި، މިފަދަ ނާތަހުޒީބު މީހުންގެ ސަބަބުން ރާއްޖޭގައި ޓިކްޓޮކް ބޭން ކުރުމަށް ވެސް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.



