އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ހދ. ވައިކަރަދޫ މުހައްމަދު ހަސަނެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 86 އަހަރެވެ.
މުހައްމަދު ހަސަން ނިޔާވެފައިވަނީ، މައްކާގެ އަލް ނޫރު ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި މުހައްމަދު ހަސަންގެ ބަލި ހާލަތު ދެރަވެގެން، އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޭނާއަށް ފަރުވާ ދޭން ފެށީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
އުމްރާގެ އަޅުކަމަށް މުހައްމަދު ހަސަން ރާއްޖެއިން ފުރީ، މިމަހުގެ 9 ވަނަ ދުވަހު އެވެ. އޭނާ އުމްރާގެ އަޅުކަން އަދާކުރަން ދިޔައީ، ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕުންނެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.



