ރަހުނަކާ ނުލާ 1 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާ ހައުސިންގ ލޯނެއް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ތައާރަފުކޮށްފި އެވެ.
ހޯމް ބިލްޑް ލޯންގެނަމުގައި ފަރުމާކޮށް،މިއަދު ބީއެމްއެލްއިން ތައާރަފުކުރި ލޯނުގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި، ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެއްކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް މިއަދު ބީއެމްއެލްއިން ވަނީ ހޯމް އިކުއިޓީ ލޯނެއްވެސް ތައާރަފްކޮށްފަ އެވެ. އަލަށް ތައާރަފްކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ލޯނު ދޫކުރަން ވަނީ ނިންމާފަ އެވެ. ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެއްކަމަށާއި، މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ދޭނެކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މިއީ މުޅި ރާއްޖޭގައި ތިބި ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ލިބޭނެގޮތް މަގުފަހިކޮށްދިނުމަށް ތައަރަފްކުރި ޕްރޮޑަކްޓްތަކެއް ކަމަށެވެ.
”އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމަތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް %10 ރޭޓުގައި ލޯނު ލިބޭނެ.“ ނިމާލް ވިދާޅުވި އެވެ.
ބިލްޑް ލޯނާއި، ހޯމް އިކުއިޓީ ލޯނަކީ، ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި، ތައާރަފުކުރި ލޯން ޕްރޮޑަކްޓްތަކެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ހޯމް ބިލްޑް ފައިނޭންސިންގ އަދި ހޯމް އިކުއިޓީ ފައިނޭންސިންގ ލިބޭނެކަމަށްވެސް އެ ބޭންކުން ބުނެފައި ވެއެވެ.



