ދިވެހި ވަތަނީ ހިދުމަތުގެ ބައިވެރިންނަކީ ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިއާރުތަކަށް ލޯބިޖެހިފައިވާ، ގައުމިއްޔަތުގެ ރޫޙާއި ފަހުރު ދިރުވާ އާލާކުރުމަށް ޝައުގުވެރިވާ، އަހުލާގާއި ސުލޫކު ރަނގަޅު، ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިން ޅ. މާފިލާފުށްޓަށް މިއަދު ފުރުމާއި ގުޅުވައި ”އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން ރައީސްގެ އެ މެސެޖުގައި އެމަނިކުފާނު ވަނީ ތަމްރީނުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރައީސްގެ މެސެޖުގައި، މި ގައުމުގެ މުސްތަގުބަލުކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަގްސަދުގައި ސަރުކާރުން ފެށި ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ފެށުން ބައިނަލްއަގްވާމީ ތައުލީމީ ދުވަހުގައި ފެށިގެން ދިއުމަކީ ހާއްސަ އުފަލެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. މި ބުރުގައި ބައިވެރިވާ 350 ޒުވާނުން ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނެޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގ، ފުރިހަމަ ކުރާނެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުތަކަކީ، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، ފީލްޑް އެކްޓިވިޓީތަކުގެ އިތުރުން ޝައުޤުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ޙަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެކެވެ.
ރައީސްގެ މެސެޖުގައި، މި ތަމްރީނުގައި ބައިވެރިވި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިއާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ގައުމިއްޔަތުގެ ރޫޙާއި ފަހުރު ދިރުވާ އާލާކުރުމަށް ޝައުގުވެރިވާ، އަހުލާގާއި ސުލޫކު ރަނގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި އެ ޒުވާނުންނަކީ، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ވެގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.




