މި ހަފުތާ ނިމެންވާއިރަށް ހުރިހާ އަތޮޅެއްގައިވެސް މަސްދަޅުކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުން ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް ހަވާލުކުރުމުގެ މަސައްކަތް ފެށުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށްގެންދަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ބަލައިގެން ކަމަށާއި މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި މި އަހަރުގެ ރަމަޟާން މަހު ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުކޭސްތައް ތައްޔާރުކުރުމުގެ މަސައްކަތް މިފްކޯއިން ދުރާލައި ނިންމާފައިވާ ކަމަށެވެ.
އަދި އެމްޕީއެލްއާ ގުޅިގެން އެ ތަކެތި ރާއްޖޭގެ ހުރިހާ ރަށަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ވަގުތު މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް މަސްދަޅު ކޭސްގެ ސްޓޮކް ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ހަފުތާ ނިމެންވާއިރަށް ހުރިހާ ރަށެއްގައިވެސް މަސްދަޅު ކޭސް ބަހަން ފަށައި އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



