ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް މޭޔަރު ކަމަށް ނުކުންނެވީ އެ މަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެންސީން އިއްޔެ ހަވީރު ބޭއްވި ކެމްޕޭނު ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ނުކުންނެވުމަށް މޫސާ އަލީ ޖަލީލުގެ އަރިހުގައި އެދިވަޑައިގަތީ އޭނާއަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެއްބާރުލުން ދެއްވާނެ ބޭފުޅަކަށް ވާތީ ކަމަށެވެ.
”ކޮރަޕްޝަންގެ އެއްވެސް ކަހަލަ ކަމެއް ނެތް، ހީވާގި، ގައުމީ ލޯބި ހުރި، ގައުމީ ޖޯޝު ހުރި ގައުމީވަންތަ ގައުމު ފަހުރުވެރިވާ ފަދަ ބޭފުޅެއް ބޭނުންވޭ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވައުދުވި ކަންކަން އެކިއެކި މަރުހަލާތަކުގައި ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި ބޭނުންވަނީ އެކަންކަމުގައި ބާރު އަޅައި ހިތްވަރުދީ، މަގުފަހިކޮށް ދޭނެ ބަޔަކު ކައުންސިލަށް ހޮވަން ކަމަށެވެ.
ހޮވަންވީ އެކަންކަމަށް ހުރަސް އަޅައި އެކި ކަހަލަ އުޒުރުތައް ދައްކައި އެކި ކަހަލަ ހުރަސްތައް ކުރިމަތިކޮށް ތަރައްގީ މަޑުޖައްސައި މުޖުތަމައުގައި ހަމަޖެހުން އަނބުރާ ގެނެސްދޭނެ ކަމަށް ބުނާ ބައެއް ނޫން ކަމަށާއި މި މުޖުތަމައުއަށް މިހާރު ވާނީ ހަމަޖެހުން ގެނެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސިޓީ ނުވަތަ ރަށެއްގެ ލޯކަލް ލެވެލްގައި ”ސަކަރާތް“ ޖަހައި ސަރުކާރުން ކުރަން އުޅޭ ކަންކަމަށް ހުރަސްތަކެއް ކުރިމަތި ކުރުވައި ތަރައްގީ މަޑުޖައްސަން ޖާގަ ދިނުމަކީ އެއްވެސް ރައްޔިތަކު ކުރަން ވާނެ ކަމެއް ނޫން ކަމަށާއި މިގޮތުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން އެދިވަޑައިގަންނަވާ ކަމަށެވެ.



