ގުޅިފަޅުގެ ޔުޓިލިޓީ ބައެއް މަސައްކަތްތައް އާރްޑީސީއާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ގުޅިފަޅުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ޙިއްސާ ކުރައްވާ ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ 2025 ވަނަ އަހަރު ޗައިނާ ކުންފުންޏާ ހަވާލުކުރީ މުޅި ގުޅީފަޅުގެ ޔުޓިލިޓީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ނަމަވެސް އެ ކުންފުނިން މަސައްކަތް ފެށުމަށް ބޭނުންވާ ލޯނުގެ ކަންކަން އަދި ކުރިއަށްދާތީ އެއްވެސް ގޮތަކަށް މަސައްކަތްތައް ފެށިފައި ނުވާތީ އެކަމަށް މަޑުކުރަން ބޭނުންނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މަސައްކަތްތައް މަޑުޖެހިފަ އޮންނާކަށް ބޭނުމެއް ނޫން. ލޯނު ހޯދަން ފަސޭހައެއް ނޫން، އެހެންވީމަ ޗައިނާ ކުންފުނިން މަސައްކަތްތައް ފެށުމުގައި ލަސްތަކެއް ވަނީ.“ މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެމަސައްކަތް އަވަސް ކުރުމަށް، މީގެ ބައެއް މަސައްކަތްތައް އެމްޓީސީސީ އަދި އާރްޑީސީއާ ޙަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހައުސިން މިނސްޓަރު ޑރ. މުއްތަލިބު ވިދާޅުވިއެވެ.



