ހިޔާ ޓަވަރުތަކުގެ 8 ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ ޑިޒައިން އަދި ސިވިލް މަސައްކަތުގެ 100 ޕަސަންޓާއި ލިފްޓުގެ ސްޓްރަކްޗާ ބެހެއްޓުމުގެ މަސައްކަތުގެ ވެސް 100 ޕަސަންޓް ނިމިފައިވާ ކަމަށެވެ.
އަދި ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ 86 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ މިހާތަނަށް 8 ޓަވަރުގެ ހުރިހާ މަސައްކަތެއް ނިންމާ ވަނީ ބޭނުން ކުރަން ފަށާފައި ކަމަށެވެ. އެއީ، ހިޔާ ޓަވަރު އެޗް1، އެޗް2، އެޗް3، އެޗް4، އެޗް5، އެޗް6، އެޗް7 އަދި އެޗް8 އެވެ.
މީގެ އިތުރުން އިތުރު 5 ޓަވަރުގައި މިހާރު ކުރަމުންދަނީ، އެންމެ ފަހުގެ ޓެސްޓިންގ މަސައްކަތްތައް ކަމަށާއި، ބާކީ ހިމެނޭ ޓަވަރުތަކުގައިވެސް މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ބޭނުންވާ ސާމަނުވެސް ހަމައަށް ލިބިފައިވާ ކަމަށެވެ.
ހިޔާގެ 16 ޓަވަރު ހުންނައިރު އެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހިޔާ ސަރަޙައްދުގެ ރައްޔިތުންނަށް ވެފައިވާ ވަޢުދެކެވެ.


