ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ”ބަލްކް ޕޭމަންޓް“ ގެ ހިދުމަތް ތައާރަފުކޮށްފި އެވެ.
ގައުމީ ބޭންކުން ބުނީ އެ ހިދުމަތް މެދުވެރިކޮށް މުސާރަ އާއި އެލަވަންސް އަދި ޑިވިޑެންޑް ފަދަ ފައިސާގެ މުއާމަލާތްތައް އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފޮނުވޭނެ ކަމަށެވެ.
އެގޮތުން ”ބަލްކް ޕޭމަންޓް“ ގައި، ދިވެހި ރުފިޔާ އާއި ޑޮލަރުން ވެސް ބީއެމްއެލްގެ އެކައުންޓްތަކަށް އޮޓޮމޭޓެޑްކޮށް އެއްފަހަރާ ފައިސާ ފޮނުވޭނެ އެވެ.
ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ޑިޖިޓަލްކޮށް އެއްފަހަރާ ގިނަ މުއާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކުގެ މަސައްކަތަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ސަބަބުން، ފައިސާ ފޮނުވުމުގެ ކަންކަން އަވަސްވެ، ރައްކާތެރިވެ އަދި އެއްވެސް ތަކްލީފެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.
ނިމާލު ވިދާޅުވީ މިއީ ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް، ފަސޭހަ އަދި ބޭނުންތެރި ހައްލުތަކެއް ފޯރުކޮށް ދިނުމަށް ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.




