ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމައިފިއެވެ.
ޓްރާސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
މި ބަދަލަށް އަމަލުކުރަން ފަށާނީ 26 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުން ފެށިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ 1988 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. އަދި މި ބަދަލާއެކު، އުޅަނދުފަހަރަށް ދެމުން އަންނަ ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތްތައްވެސް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ހެޔޮ ބަދަލެކެވެ.




