”އަދަދު“ ނޫހުގެ ’ސިޔާސީ ކާޓޫން‘ ސެގްމެންޓުގައި ޝާއިއުކުރި ކާޓޫނެއް އެއްވެސް މީޑިއާއަކުން ދައުރު ނުކުރުމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގައިފިއެވެ.
އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އާއި 9:50 އާ ދެމެދު އަދަދު ނޫހުން ޝާއިއުކުރި ކާޓޫނަކީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނެގުމަށް އަންގާފައިވާ ކާޓޫނަކަށްވާތީ، އެ ކާޓޫނު އެއްވެސް މީޑިއާއަކުން ދައުރު ނުކުރުމަށް އަންގާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު މީޑިއާ ކޮމިޝަނުން ”އަދަދު“ ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒު މޫސާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ”އަދަދު“ ނޫހުގެ އެ ސެގްމަންޓުގައި އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ކޮމިޝަނުން ވަނީ އެ މައްސަލަ ބަލައި ނިމެންދެން އެ ސެގްމަންޓުގައި ހިމެނޭ ޕޯސްޓު ނަގައި، ސެގްމަންޓުގެ ހިދުމަތް ވަގުތީ ގޮތުން މިހާރުން މިހާރަށް މެދުކަނޑާލުމަށް ވެސް އެދިފައެވެ.
މިއީ އާ ގާނޫނުގެ ދަށުން ނޫހެއްގެ ކޮންޓެންޓެއް ނެގުމަށް މީޑިއާ ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ.
މީޑިއާ ކޮމިޝަނުގެ މި އެންގުމާ ގުޅިގެން ”އަދަދު“ ނޫހުން ވަނީ އެ ކޮމިޝަނަށް ޖަވާބުދާރީ ވެފައެވެ. އެ ނޫހުން އެދިފައިވަނީ، އެ ކާޓޫނަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްޗެއް ކަމަށް ’ތުހުމަތު ކުރެވި‘އެގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމަށެވެ.
އަދި ކޮންޓެންޓު ނެގުމާ މެދު ގޮތެއް ނިންމާނީ އެ ސަބަބުތައް ސާފުވުމުން ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.



1 Comment
ނަގާނޭ ކަމެއް ނެތް. ކަލޭމެންބޭނުން އެއްޗެއް ޝާއިއު ކުރަމުން ދާންވީ. މިއޮތީ ފަހުޒަމާން އައިސްފަ. މިއޮތީވާ މީޑިއާއެއް. މިގޮތައް ކާޓޫނު ޑެންމާކުގަވެސް ކުރެހި. މާބޮޑުތާއީދެއް ނުލިބުނު. އެކަމަކު ލިބަރަލް މީޑިއާމީހުންގެ ފަރާތުން ތާއީދު ލިބޭނެ. އެކަމަކު ވާ ވަރެއް އެބަހުރިތާ! ކޮމެންޓު ޖަހާލަބަލަ ފުރީ މީޑިއާއެއްނު