އިންޓަރނޭޝަނަލް ހަލާލް ޓޫރިޒަމް އޮގަނައިޒޭޝަން (އައިއެޗްޓީއޯ) އިން އިންތިޒާމުކޮށްގެން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލަންޑަންގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު މުސްލިމު ދަތުރުފަތުރުގެ ހަރަކާތް ކަމަށްވާ ’މުސްލިމް ޓްރެވަލް ޝޯ‘ ގައި ދިވެހިރާއްޖެއިން ބައިވެރިވާނެކަން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
ލަންޑަންގެ އެކްސެލްގައި މި ހަރަކާތް ކުރިއަށްދާނީ 2026 ފެބްރުއަރީ 7 އިން 8 އަށެވެ.
މި ހަރަކާތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ޖަމްޢިއްޔާތަކުގެ ފުރިހަމަ ތާއީދު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ)، މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަން އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިމެނެއެވެ.
އައިއެޗްޓީއޯ އިން ބުނި ގޮތުގައި، މި ހަރަކާތުގައި ބައިވެރިވުމަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ދުނިޔޭގެ ހަލާލް ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ ދައުރު ފުޅާކޮށް، މަގުބޫލުކަން އިތުރުކުރުމަށް އެޅޭ މުހިންމު އިސްތިރާތީޖީ ފިޔަވަޅެކެވެ. މި ޝޯއަކީ ހަލާލް އަދި މުސްލިމުންނަށް ބޭނުންވާ ފަތުރުވެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ އެންމެ ބޮޑު އެއް މާހައުލެވެ.
މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ މުސްލިމު ފަތުރުވެރިކަމާ ގުޅޭ އައު އިސްތިރާތީޖީ ސިޔާސަތުތައް ތައާރަފްކުރުމާއި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދޭ ޚިދުމަތްތައް ދައްކާލުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ވިޔަފާރިވެރިންގެ މެދުގައި ބޭއްވޭ ބައްދަލުވުންތަކާއި އާންމު ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތައް އެއްވަގުތެއްގައި ކުރިއަށްދާނެއެވެ.
މުސްލިމު ފަތުރުވެރިކަމުގެ ދާއިރާއަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ދާއިރާއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ބާޒާރުގެ އަހަރީ އަގު 200 އާއި 300 ބިލިޔަން ޑޮލަރާ ދެމެދުގައި އުޅޭއިރު، 2035 ވަނަ އަހަރާ ހަމައަށް މި އަދަދު 500 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.



