މެރިން ހެޗަރީ ސްކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ފުރަތަމަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ފަށައިފިއެވެ.
އެ ޕްރޮގްރާމް ކުރިއަށްގެންދަނީ މި މަހުގެ 24 އިން ފެބްރުއަރީ 5 އަށް ކ. މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައެވެ.
އެ ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 ބައިވެރިން ބައިވެރިވިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 64 ބައިވެރިން ވަނީ ބޭސިކް މެރިކަލްޗަރ ކޯހުގައި ތަމްރީނު ފުރިހަމަ ކޮށްފައި ކަމަށެވެ.
އެ ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދާ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.
އެގޮތުން ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް އަހަރަކު 2 ކޯހުން 4 ކޯހަށް ވަނީ އިތުރުކޮށްފައެވެ. މިނިސްޓްރީން ބުނީ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުން ކަމަށެވެ.
ވަރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއިއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސްއިން ހިންގާ މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެއެވެ.
މިގޮތުން، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން މިހާރު ވަނީ ސީވީޑް ކަލްޗަރ ކުރުމަށް ބޭނުންވާ ތިއަރީ ކިޔަވައިދޭން ފަށާފައެވެ.




