ޞިއްޙީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަށް ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކަށް ޚާއްސަކޮށް ކުރިއަށްދާކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ތަރުޖަމާނާއެކު ޕޮޑްކާސްޓްގައި، ޞިއްޙީ ދާއިރާގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގަައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޞިއްޙީ މަރުކަޒުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި އަރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ 7 ސަރަޙައްދުގެ މައި ހޮސްޕިޓަލްތައް އަދި ރީޖަނަލް ހޮސްޕިޓަލްޓައް ހިމެނޭހެން ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރު ހަވާލުވެ، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރަން ބެލިއިރު އޮތް ގޮންޖެހުމަކީ އެކަމަށް ބޭނުންވާ އިމާރާތުގެ ދަތިކަން ކަމަށާއި އެހެންކަމުން ޖާގަހުރި މިންވަރުން ޚިދުމަތްތައް ފުޅާކުރަމުންދާއިރު، އިތުރު ޚިދުމަތްތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ޞީއްޙީ ޚިދުމަތްދޭ 160 އަށްވުރެ ގިނަ ފެސިލިޓީގެ ޢުމްރާނީ ތަރައްޤީއާއި ގުޅޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”30އަށްވުރެ ގިނަ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރިއަށްދޭ. 20 އަށްވުރެ ގިނަ ހެލްތު ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދޭ. ހެލްތު ސެންޓަރު އެކްސްޕެންޝަން 90 މަޝްރޫޢު ކުރިއަށްދޭ. އަދި އިތުރު 22 މަޝްރޫޢުއެއްގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފަށާނަން.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތުގެ އިތުރުން، ހޮސްޕިޓަލްތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައްވެސް، ވޭތުވެދިޔަ ކައިރި މާޒީއެއްގައި ނާންނަހާ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފަވާކަމަށެވެ.
”އިތުރު 700އެއްހާ މުވައްޒަފުން އަތޮޅުތަކުގެ ސިއްޙީ އެކި ފެސިލިޓީތަކަށް ހޯދިއްޖެ. އޭގެތެރޭގައި ޑޮކްޓަރުން، ނަރުހުން، ލެބް ޓެކްނީޝަނުން، ކަސްޓަމާ ރިލޭޝަން ސަރިވިސް، އެޓެންޑެންޓުން، ޑްރައިވަރުން ހިމެނޭ. މާލެ ސަރަޙައްދުގައި އިތުރު 1000 މީހުން ވަނީ އިތުރުކުރެވިފައި.“ މިނިސްޓަރު ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތަކާއި ޚިދުމަތް ފުޅާކުރުމަށް މިއަހަރަށްވެސް 8.8 ބިިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.



