ބޯހިޔާވަހިކަމަކީ މުއްސަނދިކަން އިތުރުކުރަން އޮތް ވަސީލަތެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ”ލިންކްޑްއިން“ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދޭ ގޮތަށް ކަމަށެވެ.
އަދި މިއީ މުޖުތަމައުގެ ހަމަޖެހުމާއި ކަރާމާތް ރައްކާތެރިކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހިކަމަކީ ހަމައެކަނި މިލްކިއްޔާތެއް ނުވަތަ މުއްސަނދިކަން އިތުރުކުރަން އޮތް ވަސީލަތެއް ނޫން ކަމަށާއި އެއީ ތައުލީމާއި، ސިއްހަތާއި، ވަޒީފާ އަދި އިޖުތިމާއީ ބަދަހިކަމުގެ ބިންގާ ކަމަށެވެ.
ބިމެއް ނުވަތަ ގެއެއް ނެތް އާއިލާތަކަކީ ގިނަ ފަހަރަށް އެބައެއްގެ މުދަލާއި ތަކެތީގެ ރައްކާތެރިކަން ލިބިފައިނުވާ ބައެއްކަމަށާއި ކިތަންމެ ކުޑަ ނަމަވެސް ބޯހިޔާވަހިކަމުގެ ފުރުސަތެއް އޮތް އާއިލާއެއްގެ ހާލަތު، އެއްވެސް ވަސީލަތެއް ނެތް އާއިލާއަކާ އަޅާބަލާއިރު ތަފާތުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އާއިލާއެއްގެ ކޮންމެވެސް އެއް މެންބަރެއްގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތްނަމަ، އެ އާއިލާއަށް އިތުރު ޔުނިޓެއް ދިނުމުގެ ކުރިން އެއްވެސް އެއްޗެއް ނެތް އާއިލާއަކަށް ފުރުސަތު ދިނުމަކީ ފަރަގު ކުޑަކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.




