މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ހައިވޭގެ ޓްރެފިކް ލައިންތައް އައު ކުރުމުގެ މަސައްކަތް މިރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި، މި މަސައްކަތް ކުރިއަށްދާނީ ކޮންމެ ރެއަކު 12:00 އިން ހެނދުނު 06:00 އަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ހައިވޭ ބަލަހައްޓައި މަރާމާތުކުރުމުގެ ޒިންމާ މީގެ ކުރިންވެސް ހަވާލުކޮށްފައިވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިންނެވެ.
މީގެ އިތުރުން ހައިވޭގެ މަސައްކަތްތައް ކުރިއަށްދާނީ ކޯން ޖަހައިގެން ކަމަށާއި، މަސައްކަތް ކުރިއަށްދާ ވަގުތު ހައިވޭ ބަންދު ނުކުރާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ވަނީ މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ހައިވޭ ބޭނުންކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިރުޝާދު ދީފައެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައިވެއެވެ.
ހައިވޭ މަރާމާތުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ މަގުގެ ތާރުގަނޑުގައި ކުރަހާފައިވާ މަގުމަތީގެ ނިޝާންތައް ވަރަށް ބޮޑަށް ފުހެވި، ދުއްވާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ހައިވޭގެ ދެ ފަރާތުގައި ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހައި ވަރަށް ބޮޑަށް ބާވެފައިވާއިރު، އެއާޕޯޓުގެ ފެންސުތައްވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ފުލުހުން ބުނީ، މި މަސައްކަތުގެ ސަބަބުން ރޭގަނޑު ވަގުތުތަކުގައި ދަތުރުކުރާ ފަރާތްތަކަށް މަގުމަތީގެ ނިޝާންތައް ސާފުކޮށް ފެންނަން ހުރުމުން އެކްސިޑެންޓްތައް މަދުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.




