ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ޑިޖިޓަލްކުރުމުގެ ގޮތުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ’ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް‘ (ޑާލާ) ޕޯޓަލް މިއަދު އިފްތިތާހްކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަޚީލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޔޫއެންޑީޕީގެ ފަންޑިންގް ވިންޑޯގެ ތެރެއިން، ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ މި ޕޯޓަލްއަކީ އެންޑީއެމްއޭގެ މަސައްކަތްތައް ޒަމާނީކޮށް، ކާރިސާތަކުގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ތަރައްޤީކޮށްފައިވާ މަންސައެކެވެ.
މީގެ ކުރިން މެނުއަލްކޮށް ކުރަމުންދިޔަ ގެއްލުން ވަޒަންކުރުމުގެ މަސައްކަތްތައް މިހާރު ފަސޭހަ، ރައްކާތެރި އަދި ގުޅިފައިވާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކާރިސާތަކުގެ މަޢުލޫމާތު ކަމާގުޅޭ މުއައްސަސާތަކަށް ރިޕޯޓުކުރެވޭނެއެވެ. އަދި ލިބުނު ގެއްލުންތަކުގެ ހިސާބުތައް ތައްޔާރުކުރުމާއި، ބަދަލު ދިނުމުގެ މަރުހަލާތައް ވެސް މި ޕޯޓަލްގެ ތެރެއިން ފުރިހަމަ ކުރެވިގެންދާނެއެވެ. މީގެ އިތުރުން، ވޭތުވެދިޔަ 5 އަހަރުގެ ކާރިސާތަކުގެ މައުލޫމާތު ވެސް މިހާރު ވަނީ މި ޕޯޓަލްއަށް އަދާހަމަކޮށްފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ’މޯލްޑިވްސް 2.0‘ ސިޔާސަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ވަސީލަތްތައް އެންމެ ބޭނުންވާ ސަރަހައްދުތަކަށް އިސްކަންދީގެން ފޯރުކޮށްދިނުމަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ، މި ސިސްޓަމްގެ ހުރިހާ މަސައްކަތެއް ނިމި، ރަށްރަށުގައި މައުލޫމާތު އަޅާނެ ފަރާތްތަކަށް އެކްސެސް ދެވިފައިވާ ކަމަށެވެ.
މިއަހަރުން ފެށިގެން ގެއްލުން ވަޒަންކުރުމާއި އެހީ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްދާނީ މި ޕޯޓަލް މެދުވެރިކޮށެވެ.



