ދުނިޔޭގެ ނަން މަޝްހޫރު ކޮލެޓީ ބްރޭންޑްތަކުގެ ޕާފިއުމްސް އަދި ކޮސްމެޓިކްސް އާއި މޭކަޕްގެ ގިނަ ވައްތަރުތަކެއް ރާއްޖެ އެތެރެކޮށް، މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރުމުގައި ގިނަ ބަޔަކު ދަންނަ ”ޕޮއިސް“ ގެ އާ ފިހާރައެއް ހުޅުމާލެ ފޭސް ދޭއްގައި ހުޅުވައިފިއެވެ.
”ޕޮއިސް ޕާފިއުމްސް ބިއުޓީ“ ގެ ނަމުގައި ރޭގައި ހުޅުވި މި ފިހާރަ ހުންނަނީ ހުޅުމާލޭ ފޭސް އެކަކުން ދޭކަށް ދާން އެންމެ އިތުމަތިން އޮންނަ ހައިވޭގައި ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުރިމަތިން ވާ ގޮތަށެވެ.
މިކަމަށްޓަކައި ރޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ފިހާރަ ހުޅުވައިދެއްވީ، ރާއްޖެއަަށް މަޝްހޫރު ބްރޭންޑެއް ކަމަށްވާ ”ޚާދްލާޖް“ ބްރޭންޑްގެ އުފައްދުންތަކުގެ ރާއްޖޭގެ ސަޕްލަޔަރ އީނާތު ﷲ އެވެ.
ޕޮއިސް ޕާފިއުމްސް އިން ހުޅުވި މި ފިހާރައަކީ އެ ކުންފުނީގެ ފަސް ވަނަ ފިހާރައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް ޕާފިއުމްސް އަދި ފްރެގްރެންސްގެ ވައްތަރުތައް ޑިސްޓްރިބިއުޓް ކުރަމުންދާ ޕޮއިސް ފާހަގަވެގެން ދަނީ އެންމެ ކުރިން ފެށިގެންވެސް ވަރަށް ގިނަ ވައްތަރެއްގެ ފްރެގްރެންސް އަދި ބްރޭންޑްތަކުގެ ޕާފިއުމް ރާއްޖެއަށް އެތެރެ ކުރާ ކުންފުންޏެވެ.
އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން އެގްޒެކެޓިވް އަބްދުﷲ ޚުޝާމް ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލަށް ހުޅުވި މި ފިހާރައަކީ ހުޅުމާލެ ފޭސް ދޭއްްގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ޕްރޮޑަކްޓްތައް ގަތުމުގެ ފުރުސަތު ދިނުމަށްޓަކައި ހުޅުވި ފިހާރައެއް ކަމަށާއި އަދި އެ ފިހާރައިން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ލިބިގެންދާނެ ކަމަށެވެ.
އޭގެ ތެރޭގައި ލަތާފާ، ޚަދްލަޖް، ރަސާސީ ފަދަ ޕާފިއުމްއާ ގުޅުން ހުރި ޕްރޮޑަކްޓްތަކެއް އެ ފިހާރައިން ލިބިގެންދާނެ ކަމުގައި ވެސް ހުޝާމް ވިދާޅުވިއެވެ.
”ޕޮއިސް ޕާފިއުމްސް ބިއުޓީގެ ނަމުގައި މިތަން ހުޅުވީ، ބިއުޓީގެ ޕްރޮޑަކްޓްތައް ފިހާރައިން ލިިިބިގެންދާތީ، އޭގެ ތެރޭގައި ކޮސްމެޓިކްސް، ސްކިން ކެއާގެ ވައްތަރުތައްވެސް ލިބިގެން ދާނެ“ ހުޝާމް ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ، ޕޮއިސް އިން ވިއްކާ ގިނަ ޕްރޮޑަކްޓްތަކަކީ އިތުބާރު ކުރެވޭ އަދި އެތައް ބައެއްގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްރޮޑަކްޓްތަކެއް ކަމަށެެވެ. އަދި އެ ކުންފުނީގެ ފިހާރަތަކުން ވިއްކާ ކޮންމެ ޕްރޮޑަކްޓްތަކެއްވެސް ހެޔޮ އަގެއްގައި ފޯރުކޮށްދެމުންދާ ކަަމަށްވެސް ހުޝާމް ވިދާޅުވިއެވެ.
ޕޮއިސްގެ އާ ފިހާރައާއެކު ރެއިން ފެށިގެން 15 ދުވަހަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއް ދަށުން އެ ފިހާރައިން ވިއްކާ ޕާފިއުމްތަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެން ދާއިރު، މި މުއްދަތުގައި 250 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ވެސް ލިބެއެވެ. އަދި ގުރުއަތުން ހޮވެ ނަސީބުވެރިއަކަށް އައިފޯން 17 ޕްރޯ މެކްސްއެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
ޕޮއިސް ޕާފިއުމްސްއަކީ 2008 އިން ފެށިގެން، ވަރަށް ގިނަ ބަޔަކަށް ކަމުދާ ޕާފިއުމްސްގެ ބާވަތްތަކާއި ފްރެގްރެންސްގެ ބާވަތްތަކަށް ހެޔޮ އަގެއްގައި ފޯރުކޮށްދެމުން އަންނަ ބައެކެވެ. ޕޮއިސް ޕާފިއުމްސް އިން ވަނީ ރާއްޖެއަށް އެތައް ވައްތަރެއްގެ ޕާފިއުމްސް އާއި މި ނޫނަސް ފްރެގްރެންސްގެ ގިނަ ބާވްވަތަކެއް އެތެރެކޮށް، ދިވެހިންގެ ބޮޑު މަގުބޫލުކަމެއްވެސް ހޯދައިފައެވެ.




