ހުޅުމާލެ ފޭސް 2 ގައި އަލަށް ތަރައްޤީކޮށްފައިވާ ”ޝަހީދު ޢަލީ“ ސްކޫލް މާދަމާ ރަސްމީކޮށް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.
ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ މި ސްކޫލުން މިހާތަނަށް 1،950 ދަރިވަރަކަށް ޖާގަ ދީފައިވާ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
މި ސްކޫލަކީ މި ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ފުރަތަމަ ސްކޫލެވެ. އާރްސީސީއާ ހަވާލުކޮށްގެން ތަރައްޤީކުރި މި ސްކޫލްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، މިހާރު ވަނީ ކިޔަވައިދިނުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
ސްކޫލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ އެ ސްކޫލަށް ޒިޔާރަތް ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ސްކޫލްގެ ކިޔެވުން ފެށުމަށްޓަކައި 230 މުވައްޒަފުން މިހާރު ނަގާފައިވާ ކަމަށާއި، މާދަމާ ކިޔެވުން ފެށޭއިރު އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
”ދަރިވަރުންނަށް ދަތިކަމެއް ދިމާނުވާނެހެން މިހާރު ވަނީ ތައްޔާރުވެފައި. ކްލާސްރޫމްތަކާއި ފަރުނީޗަރުތައް ވެސް ވަނީ ނިމިފައި. ލެބޯޓަރީތަކާއި ކޮމްޕިއުޓަރު ލެބްގެ މަސައްކަތްތައް ވަނީ ނިމިފައި. ޖުމްލަކޮށް ހުރިހާ ކަމެއްހެން ވަނީ ފުރިހަމަވެފައި،“ މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީދު ޢަލީ ސްކޫލަކީ 5 ފަންގިފިލާއަށް ތަރައްޤީކޮށްފައިވާ، 50 ކްލާސްރޫމް ހިމެނޭ ސްކޫލެކެވެ. މި ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި، ޓާފް ދަނޑެއްގެ އިތުރުން އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މިއީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެއް ނަމަވެސް، ދެ ދަންފަޅިއަށް ކިޔަވައިދޭނަމަ 2،500 ކުދިންނަށް ކިޔަވައިދެވޭނެ ކަމަށް އެޑިއުކޭޝްން މިނިސްޓްރީން ލަފާކުރެއެވެ.
މި ސްކޫލަށް ޝަހީދު ޢަލީ ނަމުން ނަންދީފައިވާއިރު އެންމެ ފާހަގަކުރެވިފައިވަނީ މަދަރުސާގެ ލޯގޯއެވެ. ޝަހީދު ޢަލީ ސްކޫލް ލޯގޯ ފަރުމާކޮށްފައިވަނީ އަރަބިވަންތަ ނިކަން ރީތި ތާނަ ފޮންޓަކުންނެވެ. ލޯގޯއިން ފެންނަނީ ޝަހީދު ޢަލީ ދިވެހިން ލިޔެފަ އޮންނައިރު، އެ ދެ ނަން ފެށޭ ތާނައިގެ ”ޝ“ އަދި ”ޢ“ އަކުރެވެ.
މި ސްކޫލަކީ ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރި ދާއިމީ ދެވަނަ ސްކޫލެވެ. މީގެ ކުރިން ފޭސް 2 ގައި ހުޅުވާފައިވަނީ ޞަލާޙުއްދީން ސްކޫލެވެ.


