މާލޭގެ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތްތައް ސްޓެލްކޯގެ އިސްވެރިން ބައްލަވާލައްވައިފިއެވެ.
ސްޓެލްކޯއިން ބުނީ، އެ ކުންފުނި ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޑރ. އަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން މިއަދު ވަނީ، ސަރުކާރުގެ ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން އެއާކޮންޑިޝަން ކުރުމުގެ މަސައްކަތްތައް ބައްލަވާލައްވާފައިވާ ކަމަށެވެ.
އެގޮތުން ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް އަދި އިމާދުއްދީން ސްކޫލަށް ޒިޔާރަތްކުރައްވައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައިދެމުންދާ ސްކޫލްތައް އޭސީ ކުރުމަކީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު ވައުދެކެވެ. އެ ވައުދުފުޅު ފުއްދުމަށް ރައީސްގެ އިިސްނެންގެވުމުގެ މަތިން ކޫލް ސްކޫލް މަޝްރޫއު ފަށައިގެން ދަނީ ކުރިއަށެވެ.


