ރެއާއި ދުވާލު ނިދި ނަންގަވައިލައްވައިގެން ރައްޔިތުންގެ ހައްގުގައި ނުހަނު ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ރައީސަަކާއެކު އެއްބާރުލުންދީގެން މަސައްކަތްކުރާނެ ކައުންސިލެއް އޮތުމަކީ މުހިއްމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލު ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓާއި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ހައުސިން މިނިސްޓަރު ކަމުގައާއި މޭޔަރު ކަމުގައި ހުންނެވިއިރު މާލޭގެ ތަރައްގީއަށް، ހާއްސަކޮށް މާފަންނު ސަރަހައްދަށް ގެނެސްދެއްވި ބަދަލުތައް ރައްޔިތުން މިއަދުވެސް ހަނދުމަފުޅު ހުންނާނެ ކަމަށެވެ.
ސާޖިދާ ވިދާޅުވީ، މިފަދަ ވެރިއެއް ވަކި ސިޔާސަތުތަކަކާއެކު އައިސް ރައްޔިތުންނަށްޓަކައި އެތައް މަސައްކަތްތަކެއް ކޮށްދިނުމަށް ރެއާއި ދުވާލު ނުނިދައި މިއަދުވެސް މަސައްކަތްކުރާ ވެރިއަކާއެކީގައި މަސައްކަތްކުރާނެ ކައުންސިލަރުންތަކެއް ޑަބްލިއުޑީސީއެއް މޭޔަރެއް ހޮވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
އަދި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވިސްނުމުގައި މަގާމަށް އަންނަ ބައެއްގެ ފަރާތުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުލިބޭނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހުރި އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުނދަގޫ ނިންމެވުންތަކެއް ނިންމަވަމުންދާކަން ފާހަގަކުރައްވައި، ސާޖިދާ ވިދާޅުވީ ސަރުކާރަށް އެހީތެރިވެދޭނެ ބަޔަކު ކައުންސިލުތަކަށް ނުހޮވައިފިނަމަ އެކަމުގެ ގެއްލުން ހުރިހާ ރައްޔިތުން ތަހައްމަލުކުރަން ޖެހިދާނެ ކަމަށެވެ.
ކައުންސިލަކީ ރައްޔިތުންގެ އިހުސާސްތައް އެންމެ ގާތުން ދެނެގަނެ، އެކަންކަން ސަރުކާރާ ހަމައަށް ގެނެސްދޭން އޮތް މުއައްސަސާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވާހަކަފުޅު ނިންމަވައިލެއްވީ، ކޮންގުރެސް ޕާޓީގެ މެންބަރުންގެ އިތުރަށް ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުންނާއި ވާދަވެރި ޕާޓީތަކުގެ އާއްމު މެންބަރުންވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އިލްތިމާސްކުރައްވަމުންނެވެ.



