ހަރުދަނާ، ހީވާގި ދަރީންތަކެއް ބިނާކުރެވޭނީ ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ.
”މި އަހަރަށް ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާއިރު، ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި ޓީޗަރުންނަށް، ބެލެނިވެރީންނަށާއި ލޮބުވެތި ދަރިވަރުންނަށްވެސް އަޅުގަނޑު އެދެނީ ކާމިޔާބީ.“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއް ކަމަށާއި ދިވެހީން އެދޭ ފާގަތި ކުރިމަގު މި ޤައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
”ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި ހެޔޮލަފާ، ތޫނުފިލި، އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން“ ރައީސްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.




