ރާއްޖެއާއި އިންޑިޔާ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި ކުރާ މަސައްކަތްތައް އަބަދުވެސް ކުރިއަށްގެންދާވާނެ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑު ވަޒީރު މޯދީ މިހެން ވިދާޅުވީ، އެ ގައުމުގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖަށް، ޝުކުރު އަދާކުރައްވައި ކުރެއްވި ޕޯސްޓުގައެވެ.
އެގޮތުން ރައީސްގެ މެސެޖަށް ޝުކުރުއަދާކުރައްވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މޯދީ މިއަދު ވަނީ ޕޯސްޓެއް ކުރައްވާފައެވެ.
މޯދީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖެއާއި އިންޑިޔާގެ ރައްޔިތުންގެ މަންފާއަށްޓަކައި ދެ ގައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްގެންދަވާނެ ކަމަށެވެ.
“އަރިސްކުރެއްވި ހޫނު ތަޙުނިޔާއާއި ހެޔޮއެދުން އިޙްތިރާމާއިއެކު ބަލައިގަންނަން. ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މިކުރާ މަސައްކަތް ކުރިއަށްގެންދާނަން. އެންމެހާ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތީ އުފާވެރި ފާގަތި ދުވަސްތަކެއްކަމުގައި އެދެން.“ އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު އިއްޔެ ފޮނުއްވި މެސެޖުގައި، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު މޯދީގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ވަނީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.




