ކީރިތި ޤުރްއާނުގެ އިލްމަށް ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައި ވެސް އިތުރަށް ލޯބިޖައްސުވައި ޤުރްއާނުގެ އިލްމަށް ދަރިވަރުން ޝައުޤުވެރިކުރުވުމަށް، އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ޤޮތުގައި ޤުރްއާން މާއްދާ ވެސް ހިމެނުމަށް ނިންމައިފިއެވެ.
މިކަން ހާމަ ކުރައްވާފައިވަނީ، ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ދެއްވި ޚިޠާބުގައެވެ.
އެގޮތުން މިނިސްޓަރ ޝަފީއު ވިދާޅުވީ ކީރިތި ޤުރުއާނުގެ އިލްމަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖައްސުވައި، ޤުރުއާނުގެ ޢިލްމަށް ދަރިވަރުން ޝައުޤުވެރިކުރުވުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރުގައި ބާއްވާ، އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ޤުރްއާން މާއްދާ ހިމެނުމުގެ މަސައްކަތް މިއަހަރު ޕައިލެޓު ކުރެވޭނެ ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ޤުރުއާން މާއްދާ ރަސްމީކޮށް ހިމަނާ ރާއްޖޭގެ ދަރިވަރުންނަށް އެ އިމްތިހާނު ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”މިފެށޭ ދިރާސީ އަހަރު، އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންގެ ކިބައިގައި ރިވެތި އަޚުލާޤު އަށަގެންނެވުމަށް. ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ތައުލީމު ހާސިލުކުރަމުންދާ ކޮންމެ ދަރިވަރަކީވެސް، ރިވެތި އާދަތަކާއި ސިފަތަކުން ޖަރީވެފައިވާ، އެކަކު އަނެކަކަށް އިހުތިރާމް ކުރާ ދަރިވަރުން ތަކަކަށް ހެދުމަށް، ތަރުބަވީ ހާއްސަ ޕްރޮގްރާމެއް، މިދިރާސީއަހަރުގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންދާނަން“ އެޑިއުކޭޝަން މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އާޓިފިޝިއަލް އިންޓަލިޖެންސް (އޭ.އައި) ގެ ބޭނުންތެރިކަން މަސައްކަތުގެ މާހައުލުގައި ބޮޑުވެފައިވާއިރު، މިފެށޭ ދިރާސީ އަހަރުވެގެންދާނީ، އޭއައިއަށް ސްކޫލުތަކުގެ މުދައްރިސުން އަހުލުވެރި ކުރުވުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނޭ އަހަރަކަށް ކަމަށެވެ.



