ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން 12،274 މަސް ދަޅު ކޭސް ރޭގެ ނިޔަލަށް ދޫކޮށްފިއެވެ.
ލޯކަލްސް މިނިސްޓްރީން ބުނިގޮތުގައި، ގްރެޓަރ މާލެ ސަރަޙައްދުގެ އެކި މަރުކަޒުތަކުން މިހާތަނަށް ޖުމްލަ 12،274 މަސްދަޅު ކޭސް ވަނީ ހަވާލުކޮށްފައެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ފެށީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައެވެ. މިހާތަނަށް އެންމެ ގިނަ އަދަދަކަށް މަސްދަޅު ކޭސް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ގާއިމްކޮށްފައިވާ ހަތަރު މަރުކަޒުންނެވެ. އެ މަރުކަޒުތަކުން އެކަނިވެސް 783 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.
މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ 65،230 ޑޮމެސްޓިކް މީޓަރު ހުރިއިރު، ސަރުކާރުން މަސްދަޅު ކޭސް ދޫކުރަނީ ކޮންމެ މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް މާލެ ސަރަހައްދުގެ ގޭބިސީތަކުގެ 18.8 އިންސައްތައަށް ވަނީ މަސްދަޅު ކޭސް ހަވާލުކުރެވިފައެވެ. މި މަސައްކަތް ތަރުތީބުކުރުމަށްޓަކައި ޚާއްޞަ ޕޯޓަލެއް މެދުވެރިކޮށް ކޮންމެ ރެއަކު 300 ޓޯކަން ދޫކުރުމަށް ވަނީ ނިންމާފައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރުމަށް ގިނަ މަރުކަޒުތަކެއް ވަނީ ކަނޑައަޅާފައެވެ.
- މާލެ: މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުގެ 4 ސަރަހައްދެއް.
- ހުޅުމާލެ ފޭސް 1: އުމަރު ޒާހިރު ބިލްޑިންގް، ޕޮލްކޯ ޓަވަރު ތިރީ އަދި މުހައްމަދު ގާސިމް ޕްރީސްކޫލް.
- ހުޅުމާލެ ފޭސް 2: ކާމިލުދީދީ ސްކޫލް، ހިޔާޓަވަރު 10 އަދި ވިނަރެސް ފްލެޓް ސަރަހައްދު.
- ވިލިމާލެ: ވެމްކޯ ސައިޓް.
މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 118,673 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 56,918 ގޭބިސީއާއި މާލެ ސަރަޙައްދުގެ 61,755 ގޭބިސީ ހިމެނެއެވެ.


