ރާއްޖެއަށް ނިޕާ ވައިރަހުގެ ނުރައްކާ އޮތް މިންވަރު ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އިދާރާއިން މިހެން ބުނެފައިވަނީ އަވަށްޓެރި އިންޑިއާގެ ބައެއް ސަރަހައްދުތަކުން މި ބަލި ފެނުމާ ގުޅިގެން ރާއްޖޭގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ދެމުންނެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާގެ ވެސްޓް ބެންގާލްއިން ނިޕާ ވައިރަހަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި 180 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ދެނެގަނެވިފައެވެ. އަދި އެ މީހުން މިހާރު ކަރަންޓީނުކޮށް، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އެ މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
މި ބަލި ޖެހިގެން އިތުރު ކޭސްއެއް މިއަދާ ހަމައަށް ފެނިފައިނުވާއިރު، އިންޑިއާގެ އެހެން އެއްވެސް ސަރަހައްދަކުން ނުވަތަ އެހެން ގައުމަކުންވެސް މި ބަލި ފެނިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.
ރާއްޖެއިން މިހާތަނަށް މި ބައްޔާ ގުޅޭ އެއްވެސް ކޭސްއެއް ނުވަތަ ބަލި މީހަކާ ކޮންޓެކްޓުވި ފަރާތެއް ރިޕޯޓުކޮށްފައި ނުވި ނަމަވެސް، ބަލި ފެނިފައިވާ ވެސްޓް ބެންގާލް ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާލުންނާއި، އޫރުން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ.
ނިޕާ ވައިރަސް ޖެހޭ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ކެއްސުމާއި، ކަރުގައި ރިއްސުމާއި، ނޭވާލާން އުނދަގޫވުން ހިމެނެއެވެ. އަދި ބަލި ބޮޑުވަމުންދާ ވަރަކަށް ސިކުނޑިއަށް އަސަރުކޮށް ވާނުވާ ނޭނގުމާއި، ފިޓިޖެހުން ފަދަ ކަންކަން ދިމާވާ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
މި ބަލި ޖެހުމުން އެއްވެސް އަލާމާތެއް ނުފެނިވެސް ހިނގައިދާނެ ކަމަށާއި ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއްނެތް ނަމަވެސް އަލާމާތްތަކަށް ފަރުވާ ކުރެވޭކަންވެސް އެޗްޕީއޭއިން ފާހަގަކުރެއްވިއެވެ.



