ސާކު ސަރަހައްދުގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި ހުރިހާ ޓީމެއް ބަލިކޮށް ސާފް ފުޓްސަލް މުބާރާތުގެ ތަށި ކާމިޔާބުކުރި ދިވެހި ގައުމީ ޓީމު މާލެއަށް އައުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ބެންކޮކުގައި އޮތް މި މުބާރާތުގެ ތަށި ކާމިޔާބުކުރި ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން މަރުހަބާ ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއާއި، ފުޓުބޯޅަ ދާއިރާގެ އިސްވެރިންނާއި، އެ ކުޅުންތެރިންގެ އާއިލާތަކުންނެވެ.
އެއާޕޯޓުގައި ޓީމަށް މަރުހަބާ ކިޔުމަށްފަހު، ބަހުގައި ޓީމު މާލެއަށް އައުމުން ސޯޝަލް ސެންޓަރު ސަރަހައްދުން ވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެއަށްފަހު ލޮރީއެއްގައި ޓީމު މިހާރު ދަނީ ޓީމަށް މަރުހަބާ ކިޔުމަށް ހަމަޖެހިފައިވާ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން އެއްވެ ތިބިއިރު، އެތަނުގައި އޮތް މަރުހަބާ ކިޔުމުގެ ހަރަކާތްތަކުގެ ތެރޭގައި ހަވާ އެރުވުންވެސް އޮންނާނެއެވެ.

މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
ރާއްޖޭގެ ގައުމީ ޓީމުން މުބާރާތުގައި ދެއްކި ކުޅުމަކީ އާދަޔާ ހިލާފު މޮޅު ކުޅުމެއްކަން ފާހަގަކޮށް، މި ސަރަހައްދުގެ އެހެނިހެން ގައުމުތަކުގެ ކޯޗުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރަށް ކުޅިވަރު ތަހުލީލުކުރާ އެނަލިސްޓުންގެ ބޮޑު ތާރީފެއް ޓީމަށް ވަނީ ލިބިފައެވެ.



