އިއްޔެ ދިޔަވަރު ނަަމަކަށް ކިޔާ އޮންލައިން ނޫހެއްގައި ވެމްކޯ ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލުއާއި ގުޅޭގޮތުން ލިޔެފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދިޔަވަރު ގައި ޝާއިއު ކޮށްފައިވާ އާޓިކަލްއާއި ގުޅޭގޮތުން ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އާޓިކަލް އަކީ އެއްވެސް ހަޤީގަތެއް ނުވަތަ ހެއްކެއް ނެތި ޝާއިއުކޮށްފައިވާ ދޮގު ލިޔުމެއް ކަމަށެވެ.
އަދި އެ ކުންފުނީގެ މާލީ ނަޒާހާތްތެރިކަމާއި، ކުންފުނީގެ އެމްޑީ އާއި ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް ވެމްކޯ އިން ބުނެފައިވެއެވެ.
ވެމްކޯ އިން އިތުރަށް ބުނީ އެ ހަބަރަކީ ކުންފުނީގެ މަތީ މެނޭޖްމެންޓްގެ ބޭފުޅުންގެ އަބުރާއި އިއްޒަތް ނަގާލުމަށާއި، ކުންފުނީގެ މާލީ އަމާނާތްތެރިކަމާއި ބެހޭގޮތުން އާންމުންގެ ހިތްތަކުގައި ސުވާކު އުފައްދާ، ކުންފުންޔާއީ ދެތެރޭ ނުރަނގަޅު ތަސައްވަރެއް އުފެއްދުމަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.
ޒިންމާދާރު ނޫސްވެރިކަމަށް ވެމްކޯ އިން އަަބަދުވެސް ހިތްވަރު ދޭ ކަމަށާއި، އެ ކުންފުންޔާ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް، އެކަމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށްވެސް އެ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ނޯޓް: ދިޔަވަރު ނޫހަކީ ރަޖިސްޓްރީ ނުކޮށް އޮންލައިން ކޮށް ހިންގަމުން އަންނަ ނޫހެކެވެ.




