އެމްބިއުލާންސްގެ ޚިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 27 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދީފައިވާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި އެމްޕީއެލް އިން ބުނެފިއެވެ.
އެމްޕީއެލް އިން މިކަން ހާމަކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ހެލްތު މިނިސްޓްރީން 56 ރަށަކާއި ހަވާލުކުރާ އެމްބިއުލާންސްތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކޮށްފައިވާއިރު އެ ކުންފުނިން އެ މަސައްކަތް ފެށީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
މިނިސްޓްރީ އޮފް ހެލްތުން އެމްޕީއެލްއާ ހަވާލުކޮށްގެން ރާއްޖެ ގެނެސްފައިވާ 56 އެމްބިއުލަންސްގެ ތެރެއިން 27 ރަށަކަށް މިކުންފުނިން މިހާރު ވަނީ އެމްބިއުލަންސް ފޯރުކޮށްދީފައެވެ.
”ބާކީ ހުރި އެމްބިއުލަންސްތައް ވެސް ލިބެންޖެހޭ ރަށްތަކަށް، ކައިރި މުސްތަޤުބަލެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް މި ކުންފުނިން ދަނީ ކުރަމުންނެވެ.“ އެމްޕީއެލް އިން ބުނެފައި ވެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
މި މަޝްރޫޢަށް ސަރުކާރުން ވަނީ 65.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.



