ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ހިންގުންތެރިން ހަރުދަނާކޮށް، ލީޑަރޝިޕް ހުނަރުތައް ތަރައްގީކުރުމަށް ބާއްވާ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުވަރީ މަހުގެ 3 ވާ އަންގާރަ ދުވަހު ކަމަށެވެ.
ލިލީ މަގުގައި ހުންނަ ”ޔޫތު ހަބް“ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އޮންނާނީ އެ ދުވަހުގެ ރޭގަނޑު 20:00 އިން 22:00 އަށެވެ.
”މި ތަމްރީނު ޕްރޮގްރާމަކީ މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހިންގުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް ފެބުރުވަރީ މަހުގެ 2 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ކަނޑައެޅިފައިވާ ކިއުއާރް ކޯޑު ސްކޭންކޮށް ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.




