މިއަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ މަސްދަޅު ކޭހުގެ ތެރެއިން މިހާތަނަށް 15،997 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ސިޓީތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ 15 މަރުކަޒަކުން މިހާތަނަށް 15,997 މަސްދަޅު ކޭސް ވަނީ ބަހާފައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދަނީ ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މި މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރާނެއެވެ.
މިފްކޯއިން އުފައްދާފައިވާ މި މަސްދަޅު ކޭސްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ބާރުދުވެލީގައި ދަނީ ކުރިއަށެވެ. އެގޮތުން ހއ. އަތޮޅުގެ ތިން ރަށަކަށް މިހާރު މަސްދަޅު ފޮނުވާފައިވާއިރު، މުރައިދޫގެ 137 ގޭބިސީއަކަށް މަސްދަޅު ބަހައި ވަނީ ނިންމާފައެވެ. މީގެ އިތުރުން ހދ. ފިނޭގެ 100 ގޭބިސީއަކަށާއި، ނޮޅިވަރަމްފަރުގެ 350 ގޭބިސީއަކަށް މަސްދަޅު ބަހައި ނިމިފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ނޮޅިވަރަމުގައި މިހާރުވެސް މަސް ދަޅު ކޭސް ބެހުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ރާއްޖޭގެ އުތުރުގެ އެހެން އަތޮޅުތަކަށް ބަލާއިރު، ނ. އަތޮޅާއި ޅ. އަތޮޅުގެ ހަތަރު ރަށަކަށްވެސް މިހާރު ވަނީ މަސްދަޅު ކޭސްތައް ފޮނުވާފައެވެ. މީގެ ތެރެއިން ޅ. އޮޅުވެލިފުށީގެ 137 ގޭބިސީއަކަށް މަސްދަޅު ކޭސް ހަވާލުކޮށް މިހާރު ވަނީ ނިންމާފައެވެ.
ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް ހުރިހާ ރަށެއްގެ ގޭބިސީތަކަށް މި ހަދިޔާ ފޯރުކޮށްދިނުމެވެ.




