އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އަލަށް ގާއިމުކުރި ކެތު ލެބުން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
ކެތު ލެބުން ބުނިގޮތުގައި އިއްޔެ އިން ފެށިގެން ހިތުގެ ބަލިމީހުންނަށް ފަރުވާން ދޭން ފެށި އިރު، ކެތު ލެބްގެ ހިދުމަތް ފެށީ އައިޖީއެމްއެޗާ ހަވާލުކޮށްގެންނެވެ.
އޭއީއެޗުން މިއަދު ބުނީ ހިދުމަތް ފެށިތާ ދެ ދުވަސްތެރޭ 7 މީހަކަށް ހިދުމަތް ދީފައިވާ ކަމަށެވެ. ސީއީއޯ ޑރ. އިބްރާހިމް ޔާސިރު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ އެންޖިއޯ ގްރާމްގެ ފަރުވާ ހޯދި ހަތަރު މީހަކާއި ސިކުނޑީގެ އެންޖިއޯ ގްރާމްގެ ފަރުވާ ދިން އެކަކާއި އެންޖިއޯ ޕްލާސްޓީގެ ހިދުމަތް ހޯދި ދެ މީހެކެވެ.
އެންޖިއޯ ގްރާމަކީ މައްސަލައެއް ހުރިތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. އޭގެ އަސްލު ފަރުވާއަކީ އެންޖިއޯ ޕްލާސްޓީއެވެ.
އޭއީއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. ފާތިމަތު އަމާނީ ނަސީރު ވިދާޅުވީ ހިތާ ގުޅުން ހުރި މައްސަލަތަކުގައި އޭއީއެޗުން ހަފުތާއަކު ފަސްވަރަކަށް މީހުން މާލެއަށް ރެފަކުރާ ކަމަށާއި ޓެސްޓު ހެދުމަށް ކުރަންޖެހޭ އެ ދަތުރަށް އާސަންދަ ނުލިބޭތީ އެއިން ކޮންމެ މީހަކު ވެސް މާލެ އަށް ދަތުުރު ކުރަން ބޮޑު ހަރަދެއް ކުރަންޖެ ހޭ ކަމަށެވެ.
ވީމާ އައްޑޫގައި ފެށި މި ހިދުމަތާއެކު ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ވާނެ ކަމަށް ޑރ. ފާތިމަތު އަމާނީ ވިދާޅުވިއެވެ.
މި ހިދުމަތާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. ޝަނީޒް ނަޒްމީ ވިދާޅުވީ އައްޑޫން ކެތު ލެބްގެ ހިދުމަތް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، މީގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
ޑރ. ޝަނީޒް އިތުރަށް ވިދާޅުވީ އައްޑޫގައި މި ހިދުމަތް ފެށުމާއެކު، ހިތުގެ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން 60 އާއި 70 އިންސައްތަ ކޭސްތަކަށް މާލެ ނުފޮނުވައި އައްޑޫގައި ފަރުވާ ދެވޭނެ ކަމަށެވެ.



