މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ”ސްކިލްއަޕް ޔޫތު“ (ކުރިން ”ތައްޔާރުވަމާ“ ގެ ނަމުގައި ހިންގުނު) ވޯކްޝޮޕް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 7 ވަނަ ދުވަހުގެ ހެނދުނު 08:30 އިން 17:30އަށް ކަމަށެވެ.
ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބުގައި ކަމަށެވެ.
މިގޮތުން އެ ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 4 ވަނަ ދުވަހުގެ 14:00ގެ ކުރިން ކިޔު.އާރު. ކޯޑު ސްކޭންކޮށްގެން ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.



