ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢު ނ. އަތޮޅުގައި ތަރައްޤީކުރާ ”އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް“ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅުއްވާދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައެވެ. މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ފަށައި ޑިސެންބަރު މަހުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ. އަދި މި މަޝްރޫޢުގެ ހުއްދަ ރަސްމީކޮށް ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގައެވެ.
ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ 790 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު މި އިންވެސްޓްމަންޓަކީ، އެސް.އީ.ޒެޑް އޮނިގަނޑުގެ ދަށުން ކުރިއަށްދާ ވަރަށް މުހިންމު މަޝްރޫޢެކެވެ.
އެ ޓައުންޝިޕްގައި އެތަނަށް ބޭނުންވާ ކަރަންޓުގެ 60 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފައްދާނެއެވެ.
އަދި އެ މަޝްރޫޢުގެ ދަށުން ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާއި ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް ސްކޫލަކާއި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަކަލްޗަރ އަދި މެރިކަލްޗަރ ޒޯނެއްވެސް ތަރައްޤީކުރާނެއެވެ. މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައި ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.
މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ފުޅާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ”ވިޜަން 2040“ ގައި ހިމެނޭ ދެމެހެއްޓެނިވި ކުރިއެރުމާއި، އިޤްތިޞާދީ ވަރުގަދަކަން ކަށަވަރުކުރުމާއި، އަދި މުސްތަޤްބަލަށް އަމާޒުކުރެވިފައިވާ މަތީ ފަންތީގެ ދާއިރާތައް ތަރައްޤީކުރުމުގެ ތަޞައްވުރާ ފުރިހަމައަށް އެއްގޮތްވާ މަޝްރޫޢެކެވެ.
މި ޓައުންޝިޕް މޮޑެލްއަކީ ރާއްޖޭގައި ތަރައްޤީކުރާ އައު ޖީލުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫޢެކެވެ.
މީގެ މަޤްޞަދަކީ ދިގު މުއްދަތުގެ އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިކޮށްދީ، ބައިނަލްއަޤްވާމީ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ އިތުރުން، އެކި ދާއިރާތަކުން ފަންނީ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމެވެ.
އެސް.އީ.ޒެޑް އޮނިގަނޑުގެ ތެރެއިން މި މަޝްރޫޢު ކުރިއަށް ދިއުމަކީ، ބޮޑެތި އިންވެސްޓްމަންޓްތަކަށް ރާއްޖެއަކީ އިތުބާރު ހުރި އަދި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުގައި ސާބިތުކޮށްދޭ ކަމެކެވެ.



