ދުންފުހުގެ ސަބަބުން ދުރުފެންނަ މިންވަރު 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ސަމާލުގައި ބުނީ ދުންފުހުގެ އަސަރު ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް މިއަދު ކުރާނެ ކަމަށެވެ. އަދި މިދިޔަ 7 ދުވަހާ އަޅާ ބަލާއިރު ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިއަދު ކަމަށްވެސް މެޓުން ބުނެފައި ވެއެވެ.
ދުންފުހުގެ އަސަރު މިއަދު ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް ނުރައްކާތެރި މިންވަރަށް މަތިވެފައި ކަމަށް މެޓުން ބުނެފައި ވެއެވެ.
އެހެންކަމުން ދުރުފެންނަ މިންވަރު 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.
ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށުމާއެކު، ދެކުނު އޭޝިއާގެ ޤައުމުތަކުން އިންޑަސްޓްރިއަލް ޕޮލިއުޓެންޓްތައް ހިމެނޭ ދުމާއި ވިލާގަނޑު ރާއްޖެ ސަރަހައްދަށް އަންނާތީވެއެވެ.
”އައިކިއު އެއާ“ ގެ މައުލޫމާތުތަކަށް ބަލާއިރު، ވައިގައި ހިމެނޭ ”ފައިން ޕާޓިކިއުލޭޓް މެޓާ“ (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 66 މައިކްރޯ ގްރާމްގައެވެ.
ވައިސާފު ކަމުގެ މިންގަނޑަށް ބަލާއިރު 151-200 އާއި ދެމެދުގެ މިންގަނޑަކީ، ވައިގެ ނުސާފުކަން ނުރައްކާ މިންވަރެވެ. މިވަގުތު މާލެ ސަރަހައްދުގައި މި މިންވަރު ހުރީ، 158 ގައެވެ.
ވައިގެ ކޮލިޓީ މެދުމިން (51-100) ނުވަތަ ނުރަނގަޅު މިންވަރަށް ދާނަމަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ސެންސިޓިވް ގްރޫޕްތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިރުޝާދު ދީފަ އެވެ.
މިގޮތުން ސެންސިޓިވް ގްރޫޕްތަކުގައި ހިމެނެނީ ކުޑަކުދިން، މުސްކުޅިން، އަދި ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކެވެ.



