އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި 2026-2027 ވަނަ އަހަރު އާއްމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެސްޓީއޯ ހިންގާ ގަވައިދު ގައި ބަޔާންކޮށްފައި ގޮތުގެ މަތިން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރަކު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުންގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބްކުރެވެއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ އެ ކުންފުނިން ބާރުއަޅާ ކަމެކެވެ. މީގެ އިތުރުން، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވާނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެސްޓީއޯގެ ވަރަށް ބޮޑު އެދުމެކެވެ.
އެސްޓީއޯއިން ފާހަގަކުރި ގޮތުގައި އަންހެން ބޭފުޅުން މި މަގާމަށް ޝައުގުވެރިކަން ފާޅުކުރުމަކީ މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، އުމުރުން 30 އަހަރު ފުރިފައިވާ މީހަކަށް ވުން ހިމެނެއެވެ.
ބޯޑު މެމްބަރު ކަމަށް ކުރިމަތިލާން ޝައުގުވެރިވާ ހިއްސާދާރުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެސްޓީއޯގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް cs@sto.mv އީމެއިލް މެދުވެރިކޮށެވެ.



