ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޓެރަރިޒަމް ބްލެކްލިސްޓުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ހިމަނައިފިއެވެ.
އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކާލަސް ވިދާޅުވީ މި ނިންމުމާއެކު، އީރާނުގެ އަސްކަރީ އަދި އިގްތިސާދީ ބާރު ކަމުގައިވާ އައިއާރުޖީސީ މިހާރު ހިމަނާފައިވަނީ އަލްގައިދާއާއި އައިސިސް ފަދަ ޖިހާދީ ޖަމާއަތްތަކާ އެއް ދަރަޖައެއްގައި ކަމަށެވެ.
އީޔޫ އިން މިގޮތަށް ނިންމާފައި ވަނީ އީރާނުގެ ދާޚިލީ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާތީ ކަމަށް ބުނެއެވެ.
އެގޮތުން އީޔޫ އިން މި ނިންމުން ނިންމާފައި ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ލަފާކުރާ ގޮތުގައި އީރާނުގެ ދާޚިލީ ހަމަނުޖެހުންތަކުގައި އެތައް ހާސްބަޔަކު މަރުވެފައިވާ ކަމަށް ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީއިން ރިޕޯޓުކޮށްފައި ވަނިކޮށެވެ.
ޔޫރަޕިއަން ޔޫނިއަނުން މިގޮތަށް ނިންމާފައި ވުމުން އައިއާރުޖީސީގެ މުވައްޒަފުން އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާވާނެ އެވެ. އަދި އެ ޖަމާއަތާ ގުޅުންހުރި މުދަލާއި ފައިސާ ހިފެހެއްޓޭނެއެވެ.




