އިސްލާމްދީނުގައި ތަޢުލީމަކީ ހަމައެކަނި ދުނިޔަވީ ވަޒީފާއަކަށް ތައްޔާރުވުމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ!“ މި މައުޟޫޢުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ ދަރީންނަކީ މާތް الله އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ އަގުބޮޑު އަމާނާތެއް ކަމަށާއި މަދަރުސާގެ ދޮރޯށިތަކުން ދަރިވަރުން ވަންނަ މަންޒަރުން، އުންމީދުތައް އައުކޮށްދޭ ކަަމަށާއި މިއީ އެ ދަރީންގެ މުސްތަޤުބަލު ބިނާކުރުމުގެ އައު ބާބެއްގެ ފެށުން ކަމަށެވެ.
އިސްލާމްދީނުގައި ތަޢުލީމަކީ ހަމައެކަނި ދުނިޔަވީ ވަޒީފާއަކަށް ތައްޔާރުވުމެއްނޫން ކަަމަށާއި އެ ތަޢުލީމާއި ތަރުބިޔަތު ވާންޖެހޭނީ އެ ކުދީންގެ ބުއްދިއާއި އަޚުލާޤަށް ފުރިހަމަކަން ގެނެސްދޭ، ޞާލިޙު އިންސާނަކު ބިނާކުރުމަށްޓަކައި، ފޯރުކޮށްދެވޭ، ވަށައިޖެހޭ ތަޢުލީމަކަށް ކަމަށެވެ.
މުދައްރިސުން، ދަރިވަރުންގެ ބުއްދި ތަރައްޤީކޮށްދޭ ފަދައިން، އެ ކުދީންގެ ހިތްތަކުގައި އީމާންކަމާއި މަތިވެރި އަޚުލާޤުގެ ބިންގާ އަޅައިދީ އެ ކުދީންގެ ޅަނދޮޅު ހިތްތަކަށް ރޫޙާނީ ދިރުން ގެނެސްދޭން ހުތުބާގައި ވަނީ ގޮވާލާފައެވެ.
އެ ދަރީންނަކީ ޤައުމާއި އުންމަތުގެ އުންމީދު ކަމަށާއި މިއަދު އެ ކުދީން މަދަރުސާއަށް ދަނީ، މުޅި ޤައުމުގެ މުސްތަޤުބަލު އެ ކުދީންގެ ކޮނޑުގައި އުފުލައިގެން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ އުނގެނުމުގެ މަގަކީ، ދިގު މަގެއް ކަމަށާއި އެއީ ބުރަ މަސައްކަތެއް ކަމަށާއި އެހެނަސް، އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ، އަޖުރު މަތިވެރި ޖިހާދެއް ކަމަށެވެ.
”ޢިލްމު ހޯދުމުގެ މަގެއްގައި ހިނގައިފި މީހަކަށް، ސުވަރުގެވަންނާނޭ މަގެއް މާތް الله ފަހިކޮށްދެއްވާނެތެވެ.“ ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އެހެންކަމުން ކުރިމަތިވާ ގޮންޖެހުންތަކަށް ކެތްތެރިވެ، ޢަޒުމާ އެކު، ކުރިއަށް ދިއުމަށާއި މާތް اللهގެ ރަޙުމަތުން، ކޮންމެ އުނދަގުލަކަށް ފަހު ފަސޭހަކަން ލައްވައިފައިވާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
”ޢިލްމު އުނގެނުމުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި މަޢުލޫމާތުތަކެއް ދަސްކޮށް، އިމްތިޙާނުތަކަކުން ފާސްވުމެއްނޫނެވެ. އެހެނެއްކަމަކު، އެއީ އިންސާނާގެ ބުއްދިއާއި ޒަމީރު ހޭލައްވައިލާ ދިރުމެކެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ވަނީ އިސްލާމީ ތާރީޚުގެ ރަންޒަމާނުގައި ދުނިޔެ ދުށް ފަދަ ދީނީ ޢިލްމާއި ދުންޔަވީ ޢިލްމުގެ މާހިރުންނަށް މިއަދު މި އުންމަތް ބޭނުންވާކަމަށް ބުނެފައެވެ. އަދި ތަޢުލީމީ ނިޒާމުގެ ތެރެއިން އަހަރެމެން ބިނާކުރަން އުންމީދުކުރާ ޖީލަކީ، އިޚުލާޞްތެރި، އަމާނާތްތެރި، ޢަދުލުވެރި، ޢިލްމުވެރި، ޚުލްޤު ހެޔޮ، ޤައުމީ މަޞްލަޙަތު އިސްކުރާ، ޙައްޤަށް ތަބާވާނޭ ޢަދުލުވެރި ޖީލެއް ކަމަށާއި އެފަދަ ޖީލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލާފައެވެ.




