ކޮންމެ މަހަކަށް ޚާއްސަކޮށް ކަނޑައަޅާ ތީމްއެއްގެ މައްޗަށް ސްކޫލްތަކުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ތަރުބަވީ ޚާއްސަ ޕްރޮގްރާމް ”ބިންގާ“ ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ސްކޫލްތަކަށް އަންގައިފިއެވެ.
”ބިންގާ“އަކީ އަޚްލާޤީ ރީތި ސިފަތަކާއި އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުމުގެ މަޤްޞަދުގައި ސްކޫލްތަކާއި ބެލެނިވެރިންނާއި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމް ސްކޫލްތަކުގައި ކުރިއަށްގެންދިޔުމުގައި އެންމެ އިސްދައުރެއް އަދާކުރާނީ ޕްރިންސިޕަލް ނުވަތަ އެ ސްކޫލެއް ހިންގިމާ ހާވާލުވެ ހުންނަ ފަރާތެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ބިންގާ ޕްރޮގްރާމަކީ ވަކި ތީމްތަކަކަށް ބަހާލައިގެން މުޅި އަހަރު ދުވަހަށް ދެމިގެންދާގޮތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކަށް ޚާއްސަކޮށް ކަނޑައަޅާ ތީމްއެއްގެ މައްޗަށް ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ ”ޝުކުރުވެރިވުން“ މި ތީމްއާއެކުގައި ކަމަށާއި އެއަށްފަހު ކޮންމެ މަހެއް ފެށުމުގެ ކުރިން އެ މަހަކަށް ކަނޑައަޅާފައިވާ ތީމް ސްކޫލްތަކަށް މިނިސްޓްރީން އަންގާނެ ކަމަށްވެސް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ދަރިވަރުން ދީނީ ވާޖިބުތަކާއި އަޚްލާޤީ ރިވެތި ސިފަތަކާއި އާދަތަކަށް އަހުލުވެރިކުރުމަށް އަމާޒުކޮށް ކޮންމެ ސްކޫލަކުންވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.
މިގޮތުން އެ ޕްރޮގްރާމްގެ ތެރެއިން އިޙްތިރާމް ކުރުމާއި ޒިންމާނެގުމާއި ސާފުތާހިރުކަމާއި އަޅާލުމާއި އޯގާތެރިކަން އިސްކުރުން ފަދަ ރިވެތި ސިފަތަކާއި އާދަތައް ދަރިވަރުންގެ ކިބައިގައި އަށަގަންނެވުން ހިމެނެއެވެ.
އަދި އެ ޕްރޮގްރާމްގެ ތެރެއިން ނަމާދުކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ މަހަކަށް ކަނޑައަޅާ ތީމްއާއި ނަމާދުގެ މާތް އަޅުކަމާގުޅިގެންދާ ގޮތް ދަރިވަރުންނަށް އަންގާދޭންޖެހެއެވެ.
މީގެ އިތުރުން ކޮންމެ މަހަކަށް ކަނޑައަޅާ ތީމް ތަޢާރަފްކުރުމަށް ކޮންމެ މަހަކު ޚާއްސަ އެސެމްބްލީއެއް ބޭއްވުމާއި ތީމްއާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދީ ރަށު ފެންވަރުގައި ޕެނަލް ޑިސްކަޝަނެއް ފަދަ ބޮޑު ހަރަކާތެއް ކުރިއަށްގެންދިޔުމާއި އެކި މާއްދާތަކުގެ ތެރެއިން ތީމްއާ ގުޅޭ މަޢުލޫމާތުތަކާއި ހުނަރުތައް ދަސްކޮށްދޭން ޖެހޭ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.




