ކ. ގާފަރުފަޅުގައި 16 ރަށް ހިއްކަން ދިވެހި ކުންފުންޔެއް ކަމަށްވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑްއާއި މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޔާ ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިންނެވެ. އެ ކޯޕަރޭޝަންގެ ފަރާތުން އެޓޯލް ވޯކްސް އާއިއެކު މިއަދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާޒިމް އެވެ.
މި މަޝްރޫއުގައި ގާފަރުފަޅުން ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. އަދި މި މަޝްރޫއު ގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް އެމްއެފްއެމްސީ އިން ބުންޔެވެ.
ގާފަރުފަޅުގައި ހިއްކާ ރަށްތަކުގައި އެޅުމަށް ނިންމާފައިވަނީ 14 ޕްރައިވެޓް އައިލެންޑާއި 2 ލަގްޒަރީ ރިސޯޓެވެ.

އެމްއެފްއެމްސީ އިން ބުނި ގޮތުގައި މި މަޝްރޫއުއަށް 36.5 މިލިއަން ޑޮލަރު ހަރަދުވާނެއެވެ. ނަމަވެސް މި ފައިސާ ދައްކަން ޖެހޭނީ އެ ފަޅުގައި ހިއްކާ ރަށްތައް ހިއްކާ ނިންމާ، އެ ރަށްތައް ދިގު މުއްދަތަށް ކުއްޔަށްދޭ އުސޫލުން ވިއްކައިގެން އާމްދަނީ ހޯދައިގެން ލިބޭ ފައިސާ އިން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޔެވެ.
ގާފަރުފަޅު ހިއްކުމުގެ މަޝްރޫއުއަކީ ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއްފަހަރެއްގައި އެހާ ގިނަ ރަށްތަކެއް ހިއްކައިގެން ހިންގާ ފުރަތަމަ މަޝްރޫއުއެވެ.




