ކ. ތިލަފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބަހައްޓައި، ޚިދުމަތް ދޭން ފަށައިފިއެވެ.
ތިލަފުށީގައި ހުޅުވާފައިވާ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. އަދި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.
ތިލަފުށީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ބީއެމްއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާޢީ މަސައްކަތްތައް ކުރާ ސަރަހައްދުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިގެން ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
”މި ހިދުމަތާއެކު، ލޮޖިސްޓިކްސްގެ ގޮތުންނާއި އެހެނިހެން ބޭނުންތަކަށް ފައިސާ ނެގުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އަންނާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ތިލަފުށީގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ވިޔަފާރިތަކަށް ވަގުތާއި ހަރަދު ސަލާމަތްކުރެވޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.




