ބ. ކުޑަރިކިލު ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 29 ވަނަ ދުވަހު ކުޑަރިކިލު ޕޮލިސް ޕޯސްޓުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ފިހާރަތަކަށް ޒިޔާރަތްކޮށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވާ ކަމަށެެވެ.
އެގޮތުން، ވައްކަމުގެ މައްސަލަތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިހުރި މިންވަރު ބަލައި، އިތުރަށް ރަނގަޅުކުރުމަށް ކުރެވޭނެ ކަންކަން ފުލުހުން ވަނީ ކިޔައިދީފައެވެ.
އަދި ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި، ސީސީޓީވީ ކެމެރާ ހަރުކުރުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ.
އޭގެ އިތުރުން، މިހާރު އާންމުވެފައިވާ ސްކޭމްގެ މައްސަލަތަކުން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ ކަންކަން ފުލުހުން ވަނީ ކިޔައިދީފައެވެ.
އެގޮތުން، ވިޔަފާރިކުރުމަށް ފަހު އޮންލައިންކޮށް ފައިސާ ދެއްކުމުން، އެ ފައިސާ އެކައުންޓަށް ޖަމާވިތޯ ޔަގީންކުރުމަށާއި، ފިހާރައަށް އޮންލައިންކޮށް މުދާގަންނަ އިރުވެސް އިތުބާރުކުރެވޭ ވިޔަފާރިތަކުން މުދާ ގަތުމަށް ފުލުހުން ވަނީ ވިޔަފާރިވެރިންނަށް އިރުޝާދުދީފައެވެ.
ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ މިފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށް ފުލުހުން ދަނީ ހިންގަމުންނެވެ.




