ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފުވައްމުލައް ސިޓީން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ތަކެތި ހޯދާފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުވައްމުލައް ސިޓީ ފުލުުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި އިއްޔެ ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަންގައި، ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި، ހަންތަކެއްގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފަައި ވެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ފުލހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށެވެ.



