ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ސްޓެލްކޯ އިން ކުޑަކުދިންނަށް ހާއްސަކޮށްގެން މާދަމާ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މާދަމާ (ހުކުރު ދުވަހު) ހެނދުނު 8:00 ގައި ފެށޭ މި ހަރަކާތްތަކުގެ ތެރޭގައި ސްޓެލްކޯގެ މާލޭ އިންޖީނުގެ ކުޑަކުދިންނަށް ދައްކާލުމާއި، އިންޖިނިއަރިން ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުމަށް އެކަމާ ބެހޭ މައުލޫމާތު ދިނުން ހިމެނެއެވެ. މީގެ އިތުރުން އިންޖިނިއަރިން ދާއިރާގެ ފަންނީ ތަޖުރިބާ ކުރުމުގެ ފުރުސަތާއި، ހަދިޔާ ބެހުންފަދަ ކަންކަން ވެސް މާދަމާ އޮންނަ ހަރަކާތުގައި ހިމެނޭނެ ކަމަށް ސްޓެލްކޯ އިން ބުންޔެވެ.
ސްޓެލްކޯ ގެ ހެޑް އޮފީހުގައި ފަށާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅި އަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8:00 އިން 10:00 އަށާއި، ހަވީރު 16:00 އިން 18:00 އަށެވެ.
ސްޓެލްކޯ އިން ބުނީ ވީހާވެސް ގިނަ ކުޑަކުދިން މި ހަރަކާތުގައި ބައިވެރިވުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.




