ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގެ 5ވަނަ ޓަވަރުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 7 އެޕާޓްމެންޓެއްގެ 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުންވި ފްލެޓުތައް މަރާމާތު ކުރަން ދުވަސް ނަގާނެ ކަމަށާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ 5 ދުވަހަށް ކަމަށެވެ.
އެންޑީއެމްއޭ އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހިޔާ ޓަވަރު 5 ގައި ރޭގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
”މި ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީ.އިން ދަނީ ކުރަމުން. ހަމައެހެންމެ މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗް.ޑީ.ސީ އާއި މި އޮތޯރިޓީން މި ދަނީ ބަލަމުން“ އެންޑީއެމްއޭއިން ބުނެފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން އެހީތެރިކަމެއް ބޭނުންވާ ނަމަ އެންޑީއެމްއޭގެ އެމެޖެންސީ ހޮޓްލައިން 115 އަށް ގުޅުއްވުމަށް ްެ އޮތޯރިޓީން ބުނެފައިވެއެވެ.
ފްލެޓުގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޓަވަރުގެ މައި ފާހާނާ ހޮޅިއަށްވެސް ވަނީ ގެއްލުންވެފައެވެ.
އެގޮތުން މައި ފާހާނާ ހޮޅިއަށް ގެއްލުން ލިބިފައިވުމުގެ ސަބަބުން ބައެއް އެޕާޓްމަންޓުތަކުގެ ފާހާނާ ބޭނުން ނުކުރެވޭ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.




