ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދ. ކުޑަހުވަދޫ ބުރާންޗުގެ އައު އިމާރާތް މިއަދު ހުޅުުވައިފިއެވެ.
ކުޑަހުވަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބްރާންޗަށް އިތުރުކުރި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ އިސްވެރިންނާއި، އަތޮޅު ކައުންސިލް މެންބަރުގެ އިތުރުން އެރަށު ކައުންސިލްގެ މެންބަރުންނާއި ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، ރައްޔިތުންނަށް އެމީހަކު ދިރިއުޅޭ ރަށެއްގައި ތިބެގެން ގިނަ ޚިދުމަތްތަކެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައެވެ.
މީގެ އިތުރުން، ކުޑަހުވަދޫއަކީ އާބާދީ ބޮޑު ރަށަކަށް ވާއިރު، ހާއްސަކޮށް އަތޮޅު ވެރިކަން ކުރާ ރަށަށް ވާއިރު، މި ބްރާންޗުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ވެސް ފިނޭންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ބީއެމްއެލުން ބުނީ، ކުޑަހުވަދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް ބްރާންޗުގެ އައު އިމާރާތް ”ޕޭޕަރ ލެސް“ ނުވަތަ ޑިޖިޓަލް ބޭންކިންގ ނިޒާމު ހިމެނޭ ބްރާންޗެއް ކަމަށެވެ. އަދި މި ބްރާންޗުން އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގެ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށްވެސް ބީއެމްއެލުން މައުލޫމާތުދެއެވެ.



