ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގުއައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަކީ މުހިންމު ބައިވެރިއެއް ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމިރު ވިދާޅުވެއްޖެއެވެ.
ވަޒީރު ޒަމީރު މިހެން ވިދާޅުވީ ޔޫރަޕް ދުވަހާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން ގެ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫރަޕިއަން ޔޫނިއަން، ޖޯސެޕް ބޮރޭލް ފޮންޓެލެސް އަށް ފޮނުއްވެވި މެސެއްޖެއްގައެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޔޫރަޕް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ވަޒީރު ޒަމީރު ފޮނުއްވެވި މެސެޖުގައި، އީޔޫ އާއި ދިވެހިރާއްޖޭގެ ހާރިޖީ ގުޅުމަށް 41 އަހަރު ވެފައިވާއިރު، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް އީޔޫ އިން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.
އަދި އީޔޫ އާއިއެކު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުންމީދު ކުރައްވާކަމަށްވެސް ހާރިޖީ ވަޒީރު ގެ މެސެޖުގައި ވިދާޅުވިއެވެ.



