ދެކުނުގެ 4 އަތޮޅު ވައިގެމަގުން ގުޅާލުމަށް ފެށި ދަތުރުތަކަކީ މުޅި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލާނެ އިންގިލާބެއް ގެންނާނެ ކަމަކަށް ވެގެންދާނެކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ދެކުނުގެ 4 އަތޮޅު ވައިގެމަގުން ގުޅާލުމަށް ގދ. ކާޑެއްދޫއަށް ބޭއްވި ދަތުރު އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، ދެކުނުގެ 4 އަތޮޅު ގުޅުވައިލެވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ މިފަދަ ކަމެއް ކުރެއްވުމުގެ ބޭނުން ވަރަށް ބޮޑަށް ހުންނެވުމާއިއެކު އެގޮތައް ވިސްނުން ގެންގުޅުމުންކަމަށެވެ. ދިވެހިރާއްޖެއަކީ ވޮލިއުމް ބޭސްޑް ޓްރާންސްޕޮޓޭޝަން އޮތް ތަނެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖެއަކީ ފްރިކުއެންސީ ބޭސްޑް ޓްރާންސްޕޮޓޭޝަންއެއް ބޭނުންވާ ގައުމެއްކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވަނީ ބޮޑެތި ބޯޓުފަހަރު ނޫން ކަމަށާއި ރާއްޖެއަށް ބޭނުންވަނީ ގިނަ އަދަދަކަށް ޕްލައިޓް އެޅޭނެ މަގެއްކަމަށް ވެސް ވިދާޅުވިއެވެ.
”ފެށިގެން ދިޔައީ ދެކުނުގެ 4 އަތޮޅު ވައިގެ މަގުން ގުޅުވާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ މިކަން ވެގެންދާނީ މުޅި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލާނެ އިންގިލާބެއް ގެންނާނެ ކަމަކަށް. މި ސައިޒްގެ ފްލައިޓެއް ޖެއްސުމަށް ބޭނުންވާ ރަންވޭއަކީ ވަރަށް ކުޑަ ރަންވޭއެއް. އެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށް ބޭނުންވާ ފައިސާއަކީ މިހާރު ކުރާ އިންވެސްޓްމަންޓްތަކަށް ބަލާއިރު ކުޑަ އަދަދެއް. މިހާރު އެއަރޕޯޓެއް އަޅަން އަޅުގަނޑުމެން ހަރަދުކުރަން 600 މިލިޔަނަށްވުރެ ގިނައިން. އެންމެ އެއަރޕޯޓެއް ތަރައްޤީކުރުމަށްޓަކައި. ބައެއް އެއަރޕޯޓްތަކަށް އެއަށްވުރެވެސް ގިނައިން ބިން ހިއްކުމާއި މި ހުރިހައި ކަމަކާއި އެއްކޮށް“ މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.
މިކަމާ ބެހޭހޮތުން މޯލްޑިވިއަން އިން ބުނީ މި ދަތުރުތަކާއެކު މި ސަރަޙައްދުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި އަމިއްލަ ދަތުރުތަކާއި، ތަޢުލީމާއި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް މި އަތޮޅުތަކުގެ މެދުގައި ކުރާ ދަތުރުތަކަށް ފަސޭހަވާނެ ކަމަށެވެ.




